ރޭގަނޑުގެ ވަޤުތުގައި ކީރިތި ޤުރްއާން ކިޔެވުން

ރޭގަނޑުގެ ވަޤުތުގައި ކީރިތި ޤުރްއާން ކިޔެވުން

ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ރޭގަނޑާއި ދުވާލު ވަރަށް ގިނައިން ކީރިތި ޤުރްއާން ކިޔަވާވިދާޅުވެ އުޅުއްވިއެވެ. ޚާއްޞަގޮތެއްގައި ދަމުނަމާދުގައެވެ. އެކަލޭގެފާނު ދަމުނަމާދުގެ އެއް ރަކުޢަތުގައި ބަޤަރާ ސޫރަތާއި އާލް-ޢިމްރާން ސޫރަތާއި އަދި ނިސާ ސޫރަތް ކިޔަވާވިދާޅުވާ ކަމުގައި އިމާމު މުސްލިމު ރިވާކުރައްވާފައި ވެއެވެ. [مسلم 722]

ރޭގަނޑު މީސްތަކުން ނިދާފައި ތިބޭ ވަޤުތު ކީރިތި ޤުރްއާން ކިޔެވުމަކީ މާތްވެގެންވާ ކަމެކެވެ. ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ވަނީ މިކަމުގައި އުންމަތަށް ނަމޫނާ ދައްކަވައި, މިކަމުގެ މާތްކަން އުންމަތަށް ބަޔާންކޮށްދެއްވާފައެވެ. ރޭގަނޑުގެ ވަޤުތު ޤުރްއާން ކިޔަވާ މީހާއަށް ޤިޔާމަތް ދުވަހުން ޤުރްއާން ޝަފާޢަތްތެރި ވާނެއެވެ. ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. ”ޤިޔާމަތްދުވަހުގައި ރޯދައާއި ޤުރްއާން، އަޅާއަށް ޝަފާޢަތްތެރިވާނެއެވެ. ރޯދަ ބުނާނެއެވެ. އޭ ރައްބެވެ! ތިމަންނަ އެނާއަށް ދުވާލުގެ ވަޤުތުގައި, ކެއުންބުއިމާއި ޝަހުވަތް މަނާކުރީމެވެ. ތިމަންނައަށްޓަކައި އޭނާއަށް ޝަފާޢަތް ލައްވާނދޭވެ! އަދި ޤުރްއާން ބުނާނެއެވެ. ތިމަންނަ އޭނާއަށް ރޭގަނޑުގެ ނިދި މަނާކުރީމެވެ. ތިމަންނައަށްޓަކައި އޭނާއަށް ޝަފާޢަތް ލައްވާނދޭވެ!“ [رواه أحمد (6626)، وصححه الألباني]

ރޭގަނޑުގެ ވަޤުތުގައި ޤުރްއާން ކިޔެވުމުގެ ނިޢުމަތަކީ ކޮންމެ މުސްލިކަމުވެސް އެ ނިޢުމަތަކަށް އެދެންވާނެ ނިޢުމަތެކެވެ. މިކަން ބަޔާންކޮށްދެއްވައި ރަސޫލާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގައި ވެއެވެ. ”ﷲ މީހަކަށް ޤުރްއާން އުނގަންނަވައި ދެއްވައި، އެމީހަކު ރެޔާއި ދުވާލު އެ ޤުރްއާން ކިޔަވައެވެ. އަދި އެމީހަކު ޤުރްއާން ކިޔަވާ އަޑު އެނާގެ އަވަށްޓެރިއަކަށް އިވުމުން ބުނެއެވެ. އޭނާއަށް ދެއްވިފަދަ (ނިޢުމަތެއް) ތިމަންނައަށްވެސް ލިބޭނެނަމަ ކޮންފަދަ ހެއްޔެވެ! އެއީ އޭނާއާ އެއްގޮތަށް ތިމަންނަވެސް ޢަމަލުކޮށް އުޅުމަށެވެ.“ [رواه البخاري (5026)]

 

ރޭގަނޑުގެ ވަޤުތުގައި ކީރިތި ޤުރްއާން ކިޔެވުމަކީ އަޅާ ޣާފިލުކަމުން މިންޖުކޮށްދޭ ކަމެކެވެ. ރަސޫލާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. مَنْ قَرَأَ عَشْرَ آيَاتٍ فِي لَيْلَةٍ لَمْ يُكْتَبْ مِنَ الْغَافِلِينَ [رواه الحاكم (2041)] ”ރޭގަނޑުގެ ވަޤުތުގައި 10 އާޔަތް ކިޔަވައިފި މީހަކު ޣާފިލުވީ މީހުންގެ ތެރެއިން ނުލިޔުއްވޭނެެވެ.“

 

الله އަށް ކިޔަމަންވާ އަޅުންގެ ތެރޭގައި އެމީހެއްގެ ނަން ލިޔެވުމަށް ނޭދޭނީ ކާކު ހެއްޔެވެ? ފަހެ މިފަދައިން ބޭނުންވާ މީހެއްގެ މައްޗަށްވެސް ވަނީ ރޭގަނޑުގެ ވަޤުތުގައި ކީރިތި ޤުރްއާން ކިޔެވުމެވެ. ރަސޫލާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. ”ފަރުޟު ފަސް ނަމާދަށް ރައްކާތެރިވެއްޖެ މީހާ ޣާފިލުވީ މީހުންގެ ތެރެއިން ނުލިޔުއްވޭނެއެވެ. އަދި ރޭގަނޑުގެ ވަޤުތުގައި ސަތޭކަ އާޔަތް ކިޔަވައިފި މީހަކު ކިޔަމަންތެރިވީ އަޅުންގެ ތެރެއިން ލިޔުއްވޭނެއެވެ.“ [رواه ابن خزيمة والحاكم]

 

ރޭގަނޑުގެ ވަޤުތަކީ އެ ވަޤުތުގެ މާތްކަން ބޮޑުކަމާއި އެކުވެސް, ގިނަ ބަޔަކު ޣާފިލުވެފައިވާ ވަޤުތެކެވެ. މި މާތް ވަޤުތުގެ ބޭނުން ހިފޭނީ އަޅުތަކުންކުރެ الله ޚިޔާރުކުރައްވާ ވަރަށްވެސް ޚާއްޞަ މަދު ބަޔަކަށެވެ. އެއީ الله އަށް ތަޤުވާވެރިވާ ހެޔޮލަފާ އަޅުންނަށް ދެއްވާ ނިޢުމަތެކެވެ. ތަޤވާވެރިންގެ ޞިފަތައް ބަޔާންކުރައްވަމުން الله ވަޙީކުރައްވާ ބަސްފުޅެއްގެ މާނާގައިވެއެވެ. ”އެބައިމީހުން ނިދާއުޅުނީ ރެގަނޑުން ވަރަށް ކުޑަ ވަޤުތުކޮޅެއްގައެވެ. އަދި ހާރުދަމުގެ ވަޤުތުގައި ފާފަފުއްސެވުމަށް އެދި އެބައިމީހުން ދުޢާ ކުރެއެވެ.“ [سورة الذاريات 18،17]

 

ދުޢާއަކީ އަޅުގަނޑުމެން އެންމެންނަކީވެސް ޤުރްއާން ގިނަގިނައިން ކިޔަވާ އަދި އެއަށް ޢަމަލުކުރާ ބައެއްކަމުގައި ލެއްވުމެވެ. އަދި އަޅުގަނޑުމެން އެންމެންނަކީވެސް ހެޔޮކަންކަމުގައި ހީވާގި ބައެއް ކަމުގައި ލެއްވުމެވެ. އާމީން.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *